އަހުމަދު އާމިރަކީ މާފަންނު މެދު ދާއިރާއަށް އާ މޫނެއް ނޫނެވެ. އެދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް އެދާއިރާއަށް އެތައް ޚިދުމަތެއް ކޮށްދީފައިވާ ދާއިރާއަށް ނިސްބަތްވާ ޚިދުމަތްތެރި އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަހުމަދު ވާދަކުރަން ނިންމީ ރައްޔިތުންގެ އިހުސާސްތައް އެނގި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކޮށް ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަމުގައި އަޑުއުފުލުމުގައި އިސްކޮށް ހުރުމުގެ މަގުސަދުގަ އެވެ. އޭނާއަކީ ދާއިރާގެ އެންމެނާ ވެސް ގުޅޭ މީހެކެވެ.
ދާއިރާގެ ރައްޔިތުންގެ އަޑު މީގެ ކުރިން ވެސް އަހުމަދު ވަނީ އުފުލައި، ނަތީޖާ ނެރެދީފަ އެވެ. މާފަންނު މެދު ދާއިރާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އަހުމަދު ވަނީ އެކި ޕްލެޓްފޯމުތަކުގައި އަޑުއުފުލައި އެކަމުގައި އެކި ލެވެލްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފެށުނު ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތު ދާއިރާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ގޯއްޗަށް އެދި ހުށަހެޅުމުގައި ފޯމު ފުރުން ފަދަ ކަންކަމުގައި އަހުމަދު ވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އަހުމަދު ފާހަގަވެފައިވަނީ އެމްޑީޕީ އިން ފެށި އިސްލާހީ މަސައްކަތްތަކުގައި ފެށުނީއްސުރެ އުޅުނު ވަފާތެރި މީހެއްގެ ގޮތުގައެވެ. އެގޮތުން އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތުން ފެށިގެން މިއަދާއި ހަމައަށް ވެސް ދެގޮތެއް ނުވެ ޕާޓީގައި އިޚްލާސްތެރިކަމާއި އެކު ހުރި އެކަކަކީ އަހުމަދެވެ. 2011 އިން ފެށިގެން އަހުމަދަކީ އެމްޑީޕީގެ މާފަންނު ދާއިރާގެ ރައީސެވެ. މިހާތަނަށް މާފަންނު ދާއިރާގައި އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ކެންޕެއިންތައް ރާވާ އިންތިޒާމްކޮށް ލީޑު ކުރުމުގައި އިސްކޮށް އަހުމަދު ވަނީ އުޅެފަ އެވެ.
ބިޒްނަސް މެނޭޖްމެންޓުގެ ދާއިރާ އިން ތައުލީމް ހާސިލްކޮށްފައިވާ އަހުމަދަކީ ސަރުކާރުގެ ހިންގުމުގެ ދާއިރާއާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖްމެންޓުގެ ތަޖުރިބާކާރެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އޮފިސަރެއްގެ ވަޒީފާއިން ފަށައިގެން ގޮސް އަހުމަދު ވަނީ ނެޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ ބޯޑު މެންބަރުކަމާއި އަދި ހައުސިންގ މިނިސްޓްރީ އާއި ޕްލޭނިންގެ މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމު ހުރެ ރައްޔިތުންނަށް ހިދުމަތްކޮށްދީފަ އެވެ. އެކުގައި މަސައްކަތް ކުރި މީހުންގެ ބުނާ ގޮތުން އަހުމަދަކީ ކުރާ ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާ އެކު ކަމަށް ކަމޭހިތައިގެން ކުރާ މުރާލި މީހެކެވެ.
އަހުމަދުގެ ސިޔާސަތުތައް:
އަހުމަދު މަޖިލީހަށް ވާދަކުރަން ނިންމީ މެންބަރެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލުކުރާނެ ގޮތުގެ އަމިއްލަ ސިޔާސަތުތަކެއް އެކުލަވާލައިގެންނެވެ.
- ނަޒާހަތްތެރިވާނެ! ނުވިކޭނެ! އިހްލާސްތެރިވާނެ!
އަހުމަދު ފުރަތަމަވެސް ދޭ ޔަގީން ކަމަކީ ފައިސާ އަށް ނަފްސާ، ފިކުރާއި، ޒަމީރު ވިއްކާ ނުލައި އިހްލާސްތެރިކަމާ އެކު އަބަދުވެސް ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރެ މެންބަރު ކަމުގެ ޒިންމާ ނަޒާހަތްތެރިކަމާ އެކު އަދާކުރާނެ ކަމުގެ ޔަގީން ކަމެވެ.
- ރައްޔިތުންގެ ހިޔާލާ، މަޝްވަރާ އާއި އެކު ދާއިރާ ތަމްސީލް ކުރުމަށް
އަހުމަދުގެ ވިސްނުމަކީ ދާއިރާގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި އެންމެންނާއި ގުޅިގެން މަޝްވަރާކޮށްގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ދާއިރާގެ އިސްރަށްވެހިންނާ، ޒުވާނުންނާ އަދި އަންހެން ކަނބަލުންގެ ބައިވެރިވުމާއިއެކު ދާއިރާ ރައްޔިތުންގެ ހެވާއި ލާބަ އާއި މަންފާއަށްޓަކައި ކަންކަމަށް ވަކާލާތުކުރާނެ ކަމަށެވެ.
- މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ކަށަވަރުކޮށްދިނުމަށް
އަހުމަދުގެ ސިޔާސަތުގައިވާ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއް ފްލެޓް ކަށަވަރުކޮށްދިނުމަށެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ 1689 ރައްޔިތަކަށް ލިބެން ޖެހޭ ގޯއްޗާއި އަދި 202 ރައްޔިތެއްގެ ފްލެޓް، އޭގެ ޙައްގުވެރިންނަށް ހޯދައިދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަންދެ އެވެ. މީގެ އިތުރުން ހިއްކާފައި ހުރި ބިންތަކުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުން މަޖިލިސް ތެރެއިން އަވަސްކޮށް، އެތަނުގައި މީހުންނަށް އަވަހަށް އާބާދުވެ ދިރިއުޅެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އުތުރުތިލަފަޅުން ގޯއްޗަށް އެދި ކުރިމަތިލި މީހުންގެ ހައްގު ހޯދައިދޭން މަސައްކަތް ކުރުން ހިމެނެއެވެ.
- ސަރުކާރާއި މުއައްސަސާތަކުން ކުރާ ކަންތައް ބަލައި ޖަވާބުދާރީ ކުރުމަށް
އަހުމަދު ދޭ ޔަގީން ކަމަކީ ރައްޔިތުންގެ އެއްވެސް ހައްގެއް، ނިގުޅައިގަތުމަށް ކުރެވޭ އެއްވެސް ކަމެއް ތަންފީޒުކުރިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީން ކަމެވެ. އެގޮތުން ރައްޔިތުންގެ ހައްގުގައި ސަރުކާރާއި މުއައްސަސާތަކުން ކުރާ ކަންތައްތައް ބަލައި ޖަވާބުދާރީކުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަހުމަދު ދެކެއެވެ. އަދި މާލެ އަކީ ކުށުގެވެށިން ސަލާމަތްވެފައިވާ އަމާން ތަނަކަށް ހެދުމަށް މަޖިލިސްގެ ތެރެއިން ކަމާބެހޭ މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ޖަވާބުދާރީކުރުވުންވެސް ހިމެނެއެވެ.
- ސަލާން ނުޖަހާ ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް
އަހުމަދު ދެކޭ ގޮތުގައި އެއްވެސް ރައްޔިތަކު އެއްވެސް ހިދުމަތެއް ހޯދަން ވެރިން ކައިރީގައި ސަލާންޖަހާކަށް ނުޖެހޭނެއެވެ. އެގޮތުން މަޖިލިސް މެންބަރަށް ނުގުޅައި ހިދުމަތްތައް ލިބޭނެ ގޮތަކަށް ސަރުކާރާއި ދައުލަތުގެ ނިޒާމް ބައްޓަން ކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާނެ ކަމުގެ ޔަގީން އަހުމަދު ދެއެވެ. އަދި ދާއިރާ އަށް ބޭނުންވާ ކަންކަން ވެސް އޮންނަ އުސޫލުގެ ތެރެއިން ކުރެވޭނެ ކަމުގެ ޔަގީންކަން އަހުމަދަށް އެބައޮތެވެ. އެގޮތުން މާލެސިޓީ އަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން އެމައްސަލަ އަށް ހައްލެއް ހޯދުމަށް އަހުމަދު ހުރީ ތައްޔާރުވެގެންނެވެ.
އަހުމަދު ގަބޫލު ކުރާގޮތުގައި އޭނާ މަޖިލީހަށް ހޮވަންވީ ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ވޭތުވެދިޔަ ތަނުގައި ދެއްކި ހިތްވަރާއި، ކެރުންތެރިކަމާއި އަދި ދާއިރާގެ ރައްޔިތުންނަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލާފައެވެ. މިފަހަރު މަޖިލިސްގެ ތެރެއިން މާފަންނު މެދު ދާއިރާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ކޮށްދެވޭނީ އޭނާއަށް ކަމަށް ވުމުން، އޭނާ އަކީ މާފަންނު މެދު ދާއިރާ އަށް ހޮވަން މިފަހަރު އެންމެ ރަނގަޅު، އެންމެ އެކަށީގެންވާ މީހާ ކަމަށް ވުމުންނެވެ.