އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީވާން ސަރުކާރުން ނިންމައިފިއެވެ.
މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހަނގުރާމާގައި 32،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ހުސްވި ހަފްތާގެ ހޮނިހިރު ދުވަހު އދ.ގެ ސަލަމާތީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.
ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ގައްޒާގެ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިވަމުންނެވެ.
ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން އުފައްދާފައިވާ ފަންޑެކެވެ. އެކަން އިތުރަށް ހަރުދާކުރުމަށް މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފައެވެ.