ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާގެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާހާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ 26 މާޗު 2024 ގައެވެ.
އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
އެއްވެސް ޤައުމަކަށް ސަފީރަކު އައްޔަން ކުރައްވަން ބޭނުންފުޅުވާނަމަ އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެއެވެ. އަދި މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްދާނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.