މުސްލިމެއްގެ ގޮތުގައި މީހަކު ހުއްޓައި "ލާދީނީ" ނުވަތަ އެފަދައިން ދޭހަވާފަދަ ބަހަކުން ގޮވުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލާއިމެދު އިލްމުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ރައީސް ސޯލިހު އެ ޔަގީންކަން ދެއްވީ ނަފުރަތުގެ ބިލާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ރައީސްކާއިއެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިއަދުގެ މި ބައްދަލުވުމަށްފަހު އަދާލަތު ޕާޓީން ބުނީ ނަފުރަތުގެ ކުށާއި ގުޅޭ ގޮތުން މަޖިލިސް އަށް ހުށަހަޅާފައިވާ ބިލާއި މެދު އެޕާޓީގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާ ކުރެވިއްޖެ ކަމަށެވެ. އަދި މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް އަދާލަތުން ބުންޏެވެ.
އަދާލަތާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ރައީސް މިފަދައިން ވިދާޅުވުމުން ނަފުރަތު ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ގާނޫނަކަށް ވެގެންދާނެކަން މިވަނީ ކަށަވަރު ވެފަ އެވެ. އެހެންނަމަވެސް މިހާރު ބިލު އޮތް ގޮތަށް ބަދަލުތަކެއް އައުން އެކަށީގެން ވެއެވެ.
އާންމު ތަނެއްގައި މުސްލިމަކާއި ދިމާއަށް ލާދީނީ ގޮވުމާއި އެފަދަ މޭރުމަކުން ވާހަކަ ދައްކައި ނަފުރަތު ފެތުރުން ހުއްޓުވުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު މިހާރު ގެންދަނީ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރަމުންނެވެ. އެ ކޮމިޓީން ފުރަތަމަ ނިންމީ ހަނި ގޮތެއްގައި ބިލަށް ހިޔާލު ހޯދުމަށެވެ. އެގޮތުން ޕީޖީ އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން އެޗްއާރުސީއެމްގެ ހިޔާލެއް ބިލާއިމެދު ހޯދަން ފަސް ދުވަހުގެ މުއްދަތު ދިނެވެ.
އެ ބިލަށް އާންމުންގެ ހިޔާލު ނުހޯދަން ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ނަމަވެސް ފަހުން މަޖިލީހުން ވަނީ އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ލިޔުން ފޮނުވުމަށް ހުޅުވާލައިފަ އެވެ. ނަފުރަތުގެ ބިލާއި ގުޅިގެން ރާއްޖޭގެ މަޝްރަހު ހޫނު ވެފައިވާއިރު ރަށްރަށުގެ ކައުންސިލްތަކާއި އެކި ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ބިލާއި ދެކޮޅަށް ބަޔާން ނެރެމުންނެވެ.