ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމްގެ ދަށުން ވިޔަފާރިތަކަށް ހާއްސަކޮށް 2 ލޯނެއް ސަރުކާރުން ތައާރަފްކޮށްފިއެވެ.
މި ދެ ލޯނަކީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ތައާރަފުކުރި މި ލޯނު ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެކެވެ. މި ލޯނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަ ޖެހިފައިވަނީ މިހާރު ހުރި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެތެރޭގައި ކެފޭތަކާއި ސެލޫންތަކާއި ރެސްޓޯރަންޓްތައް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންސަލްޓަންޓުގެ އެހީތެރިކަމާއިއެކު ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތާއި ފަންނީ އެހީ ދީގެން ކުރިއަށްގެންދިއުމަށް އިސްކަން ދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ އިންޓްރެސްޓް ރޭޓުވެސް ކުޑަ ގްރޭސްޕީރިއަޑްވެސް ބޮޑު ލުއިލޯނެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ހާއްސަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. މި ލޯނު ދެއްކުމަށް ލިބޭނީ 4 އަހަރުގެ މުއްދަތެކެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %6 އެވެ.