ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ މަނިކު މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގެ ބައެއް މީހުން ތުހުމަތުތަކެއްކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލަ ރިޕޯޓް ކުރި ވަގުތުން ފެށިގެން މިއަދާ ހަމައަށް ތަހުގީގު ތެރެއިން ހޯދި ހޯދުންތަކުން އޭނާ މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ލައިގެން ހުރި ހެދުމާއި އެ ތަނުން ފެނުނު ވަޅިއެއްގައި ލޭ ހުރި ކަމަށެވެ. އަދި ޒަކިއްޔާގެ ބުރުގަލެއް އެ ރަށުގެ ނަރުދަމާ ނިޒާމުގެ ތެރެއިން ބަޔަކަށް ފެނި އެއީ ޒަކިއްޔާ މަރާލުމަށްފަހު ހެކި ނައްތާލަން ނަރުދަމާ ނިޒާމުގެ ތެރެއިން ދޫކޮށްލި ބުރުގަލެއް ކަމަށް ހޮޅުދޫ ބައެއް މީހުން ބުނި ނަމަވެސް ސާމިހް ވިދާޅުވީ އެއީ ޒަކިއްޔާގެ ބުރުގަލެއް ނޫން ކަމަށް އެނގިފައިވާ ކަމަށެވެ. ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގެ ފޮރެންސިކް ތަހުލީލް އަދި ނުނިމޭ ކަމަށްވެސް ވިދާޅުވި އެވެ.
ޑޮކްޓަރުންނާ ހަވާލާދީ ސާމިހް ވިދާޅުވީ ޒަކިއްޔާގެ ކަރުގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއް އަދި ކަރުގެ މެދާ ހަމާގައިވެސް ތިލަކޮށް ޒަހަމެއް ހުރި ކަމަށެވެ. އެކަމަކު ޒަހަމްތަކާ އިތުރު މީހަކާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށްވެސް ތަކުރާރުކޮށް ސާމިހް ވިދާޅުވި އެވެ.