ރައީސް ޑރ މުހައްމަދު މުއިއްޒަށް، ރާއްޖޭގެ ފުރަތަމަ ރައީސް އަމީން ދީދީއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެ މައްސަލަ ތަހުގީކުރަން ވެރިކަން ކުރާ ޕީއެންސީން ގޮވާލައިފި އެވެ.
މުހައްމަދު އަމީންއަށް ހެދިގޮތް ރައީސް މުއިއްޒުއަށް ހަދަން އެންމެ ފުރަތަމަ ގޮވާލީ އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގަ އެވެ. އަދި އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒްވެސް ވެސް ވަނީ އެ ވާހަކަ ދިފާއުކޮށް އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކާފަ އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ ޕޯޑިއަމްއެގައި އަމީނަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ވާހަކަ ދައްކާފައި ވަނިކޮށް ފައްޔާޒް ވެސް އެފަދައިން ވިދާޅުވުމަކީ އެކަމަށް ހިތްވަރު ދިނުން ކަމަށާއި އަދި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ޕީއެންސީން އިތުރަށް ބުނީ ރައީސް އަމީންއާ މެދު ކަން ހިނގައިދިޔަ ގޮތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އަނދިރި ސަފްހާއެއް ކަމަށެވެ.
އަދި މިއަދު ރާއްޖޭގައި ގާއިމުކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ނަފުރަތު ވަނެނުދީ ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.