އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް އެއީ އިސްލާމް ދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކަން ކުށްވެރިކުރައްވައިފި އެވެ.
އެމްޑީޕީގެ މެންބަރުންނަށް އަމާޒު ކުރައްވައި ބޮޑު ތުހުމަތެއް މުހައްމަދު އިސްމާއީލް ކުރެއްވީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ގައެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
"މިބޭފުޅުންނަކީ [އެމްޑީޕީ މެންބަރުންނަކީ] ކީރިތި ޤުރުއާން ކިއްކުރަން އިސްލާމް ދީން ގަބޫލުކުރާ ބައެއްވެސް ނޫން،" އެމްޑީޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއީލްގެ މި ތުހުމަތާ ގުޅިގެން މަޖިލީހުގައި އެ ވަގުތު ނިޒާމީ މައްސަލައެއް ނަންގަވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވަނީ މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ސަމާލުކަމަށް ގެނެސް އެ ވާހަކަ ކުށްވެރިކުރައްވާފަ އެވެ.
މައުރޫފްގެ ނިޒާމީ މައްސަލަ ބަލައިގަނެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އިސްލާމް ދީން ގަބޫލުނުކުރާ ވާހަކައާއި ކީރިތި ޤުރުއާން ބަލައިނުގަންނަ ކަމަށް ބުނެ އެއްވެސް މެންބަރަކަށް އަމާޒު ކުރައްވައި މަޖިލީހުގައި އެފަދަ ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. މަޖިލީހުގެ ރައީސް އެގޮތަށް ވިދާޅުވުމާ ގުޅިގެން މުހައްމަދު އިސްމާއީލް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
މުހައްމަދު އިސްމާއީލްގެ ތުހުމަތާ ގުޅިގެން އަބްދުﷲ ޝާހިދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ ނުވަވަނަ މާއްދާގައި ދިވެހި ރައްޔިތް ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހި ރައްޔިތަކީވެސް މުސްލިމެއް ކަމަށެވެ.