އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރުން ނޯންނަ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އަންހެނުން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރެއްވި ޓުވީޓެއްގައި މައުމޫނު ވިދާޅުވީ، އިސްލާމް ދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށާއި ދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނޯންނަ ކަމަށެވެ. ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާ އިސްލާމީ ނާތަހުޒީބު އަމަލެއް ކަމަށް މައުމޫނުގެ ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.
މައުމޫނު ވިދާޅުވީ މިއީ އެމަނިކުފާނުގެ އަމިއްލަ ރައުޔެއް ނޫން ކަމަށާއި މިސްރުގެ ފަތުވާ ދާއިރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.