ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ވަކިން ހުންނަ މީޓިން ރޫމެއްގައި ޕީއެންސީއަށް މެމްބަރުން ވެއްދުމުގެ މަސައްކަތެއް ކުރިކަން ނޭނގޭ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އަހްމަދު އާލީ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ޑީއެންއާރު ތެރޭގައި ވަކިން ހުންނަ މީޓިން ރޫމެއްގައި ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން ވަނީ އާންމުވެފަ އެވެ.
އެ ފޮޓޯތަކުގައި އިހުސާންގެ އިތުރުން ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އާލީގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ހުންނަވާ ތަން ވެސް ފެނެ އެވެ.
ޑީއެންއާރުގެ މަސައްކަތް ހިނގާ ގޮތް ދައްކާލަން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާލީ ވިދާޅުވީ އޭނާ ފެންނަ ފޮޓޯގައި އިންނާނީ ޕިއްޒާއާއެކު ކަމަށާއި އިތުރު ފޮޓޯއެއް ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު ދިޔަ ގަޑީގައި ހަމައެކަނި ޕިއްޒާ ކާން ތިބީ. ފޮޓޯގައި ވެސް އިންނާނީ އަޅުގަނޑު ޕިއްޒާ ކެއި ގަޑީގައި އެކަނި،" އާލީ ވިދާޅުވި އެވެ.
އާލީ ވިދާޅުވީ އުސޫލުގެ ތެރެއިން މިނިސްޓްރީގެ ބޭނުމަށް މީޓިން ރޫމު ކުއްޔަށް ދޫކުރާ ކަމަށާއި ނަމަވެސް އެގޮތަށް ދޫކުރާއިރު އެތަނުގައި އެއީ ކޮން މަސައްކަތެއް ކުރަން ކަމަށް ނުބަލާ ކަމަށެވެ. އެގޮތުން އެ ދުވަހު ވެސް އެ މީޓިން ރޫމުގައި ހިނގި ކަމެއް ނޭނގޭ ކަމަށާއި އާންމުވެފައިވާ ފޮޓޯތަކުގައި ޑީއެންއާރުގެ އެއްވެސް މުވައްޒަފެއް ނުހުންނާނެ ކަމަށް އާލީ ވިދާޅުވި އެވެ.