މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެއާ ކޮންޑިޝަން (އޭސީ)ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެ މަނިކުފާނު މިހާރު ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ހިތްހަމަޖެހޭ މާހައުލެއްގައި ހޫނުގަދަ ރަށްރަށް އެއާކޯންކޮށް، ފިނިކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. މިކަން ގިނަ ކުޑަކުދީންނާއި، ބެލެނެވެރީން ވެސް ފާހަގަކުރާކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ ކަމަށް ޚާއްސަކޮށްގެން މަޝްރޫއެއް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ކަމަށް އަޅުގަނޑުމެން ވާނީ މަޝްރޫއެއް ފަށާފައި ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް ފިނި ކޮށްދިނުމަށް. ފުރަތަމަ އަޅުގަނޑުމެން އިސްކަންދޭނީ މުޅި ސްކޫލުގެ ހުރިހާ ތަންތަނަށްވުރެ ކިޔަވައިދޭ ކްލާސްރޫމްތައް ފިނިކޮށްދޭން،ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، އޭސީ ހަރުކުރުމާއި އެއަށް ބޭނުންވާ ހަކަތަ، ރިނިއުބަލް އެނާޖީގެ ތެރެއިން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މިހާރު އެކަން ފަށައި، އެ ކަމަށް ބޭނުންވާ ކަންކަން ހަމަޖެހި ވަރަށް ރަނގަޅު ހިސާބަކަށް ގޮސްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަހަރު ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާސް ރޫމުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިއާދަކުރަނިވި ހަތަކައިގެ ބޭނުންކޮށްގެން އޭސީކޮށްދީ ފިނި ކޮށްދޭނަން. އެކަން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،ރައީސް ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމައަށް ދާން ވަންދެން މަޝްރޫގެ މަސައްކަތް ނިންމާލުން ކަމަށެވެ. މުޅި ރާއްޖޭގައި މި މަޝްރޫ ކުރިއަށް ގެންދިއުމަށް ހަ މަސް ނުވަތަ އަށް މަސް ދުވަސް ނަގާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ހުޅުދުއްފާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވެސް ހައްލުކޮށްދޭނެކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ރައްޔިތުން އެދިފައިވާ ކަންތައްތައް ކޮށްދޭނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވާފައެވެ.