ފިލައިގެން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޓާސްކު ފޯހުން މާލޭގެ ދެ ތަނެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެއް ކަމަށާއި، މި އޮޕަރޭޝަނުގެ ތެރެއިން އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިއަދު ވަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރަތްތަކުން އެ މިނިސްޓްރީގެ ފޮރިންގ ލޭބަރ ޑިޕާރޓްމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރަތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްފެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަސްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލައިފައެވެ.