މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން 06 ފެބުރުވަރީ އިން ފެށިގެން 09 ފެބުރުވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެވިފައިވާ ކަމަށެވެ. ކައުންސިލުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓެއްވެސް އާންމުކޮށްފައެވެ.
ސިޓީ ކައުންސިލުން ވަނީ މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށްވެސް އެދިފައެވެ.
މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވުނު ސާވޭގެ ތެރެއިން، މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުކަމަށްވާ، ޗާންދަނީމަގާއި ރަށްދެބައިމާގާއި ދެމެދު މަގު މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ކައުންސިލުން ވަނީ ފަށައިފައެވެ. މި މަސައްކަތް ނިމޭއިރު މަޖީދީމަގު، މިހިސާބުގަޑުން ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގުލަށް ހައްލު ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.