ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާރު ކުރިއަށް ދަނީ ރައުންޑް އޮފް ސިކްސްޓީންގެ މެޗުތަކަށް ވާއިރު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓީމް ޕޯރޗްގަލް މިރޭ ނިކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ. މިމެޗް ކުޅޭނީ މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.
މިހާރު ކުޅޭ މެޗްތަކުގައި ގަދަ އަށަކަށް ޓީމު ގެންދިއުމަށްޓަކައި ކޮންމެހެންވެސް މޮޅުވާން ކޮންމެ ޓީމަކަށްވެސް މަޖުބޫރުވާނެ އެވެ.
އެހެންކަމުން މުބާރާތުގެ މިހާ ހިސާބުން ހަމަ ކޮންމެ މެޗެއްވެސް ވަރަށް ފޯރިގަދަ ވާނެ އެވެ. ޕޯޗްގަލްއަކީ އެންމެ ފަހުގެ ޔޯރޯ ޗެމްޕިއަންއެވެ. މިމުބާރާތުގެ ގަދަ ސޯޅަ އަށް ޕޯރޗްގަލް ދަތުރުކުރީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ވާދަކޮށް ނަތީޖާ އެއްވަރުވުމުންނެވެ. އޭގެ ކުރިން ޖަރުމަނާއެކު ބައްދަލު ކުރި މެޗް ޕޯރޗްގަލް ބަލިވެފައިވަނީ ހަތަރެއް ދެއަކުންނެވެ. އަދި ހަންގޭރީ އާ ބައްދަލު ކުރި މެޗް ޕޯރޗްގަލް މޮޅުވީ ތިނެއް ސުމަކުންނެވެ.