ދިވެހި ގައުމުގެ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ އެއްވެސް ކަމެއްގައި ފަރުވާކުޑަނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދަކީ މިނިވަންކަމާއި އަމިއްލަވަންތަކަށް ހިފަހައްޓައިދިނުން ކަމަށެވެ.
"މި ލޮބުވެތި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ އަޒުމް. އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކުވެސް ފަރުވާކުޑަކޮށްނުލާނެ ގައުމީ ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެއްގަމާއި ކަނޑާއި އަދި ވައިގެ ސަރަހައްދު ދިވެހިން އަމިއްލައަށް ބެލެހެއްޓުމަކީ އަޒުމެއް ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ހިދުމަތް ދެގުނަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިތުރު ވަސީލަތްތައް ހޯދައި އިތުރު މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ދިވެހިން އަމިއްލައަށް ބެލެހެއްޓުމަށްޓަކައި މިދިޔަ މާޗް 15 ވަނަ ދުވަހު އެއާކޯ އުފައްދައި ދިވެހި ސިފައިން ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު އެއާ ސްޓޭޝަންތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ މެރިންކޯގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ތަމްރީންތައް ކުރިއަށް ގެންދާ ގިރިފުށީގެ ޖާގަ އިތުރުކޮށް ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށެވެ.