މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ލިސްޓުގެ ސައްހަކަން ބެލުމުމަށްފަހު، މިމަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ހަވާލުކޮށް ނިމޭނެ ކަމަށެވެ.
"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މިދިޔަ ސަރުކާރުން ކުރިން އާންމުކުރި ނަމަވެސް، މިސަރކާރު ވެރިކަމަށް އައިސް އެ ލިސްޓުގައި ބޮޑެތި ގޯސްތަކެއް އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރިން އެކަން ހުއްޓުވިއެވެ. އެހެންވެ، ލިސްޓު ރީއިވޭލުއޭޓްކުރަން ނިންމީއެވެ.
ރައީސް މުއިއްޒު ވިދާޅުވީ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،046 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.4000 ހައުސިން ޔުނިޓުގެ ތެރޭގައި ދެ ކޮޓަރީގެ 1250 ޔުނިޓު އަދި ތިން ކޮޓަރީގެ 2750 ޔުނިޓު ހިމެނެއެވެ.
×