ރައްޔިތުންގެ ޚިދުމަތުގައި އަޒުމާއި ފޯރިއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، ޙަޤީޤަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެެއް ކަމަށެވެ.
ފަހުމީ ވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރޭވިފައިވާ އެންމެހައި މަސައްކަތްތަކަށް ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ.