ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު އިޙްސާން ވިދާޅުވީ، ގއ. ވިލިނގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަޙުޤީޤެއް ހިންގައި، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހުގައެވެ.
މި ހާދިސާއާއެކު ބައެއް ފަރާތްތަކުން އަންނަނީ ފަރުވާ ލަސްވެ، އެ މައްސަލައިގައި އިހުމާލުތަކެއް ހިމެނޭކަމަށް ބުނަމުންނެވެ.
އެގޮތުން އެ ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ.
މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށ ޞިއްޙީ ވުޒާރާއިންވެސް ވަނީ ބުނެފައެވެ.