ދިވެހި ރައްޔިތުންނަށް އެކި ރޮނގުތަކުން ގިނަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ، ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފިއެވެ.
ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސާލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަތުގެ ބައެއް ޚިދުމަތްތެރިންނާއި، މި ސަރުކާރާއި ކުރީގެ ބައެއް ވަޒީރުންނާއި، މަޖިލިސް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
ޤާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް ވެސް މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.
ޤާސިމްގެ ޤައުމީ ޚިދުމަތަށް ބަލާއިރު، ދިވެހި ދައުލަތަލުގެ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ) ދައުލަތުން އަރުވާފައިވާ ޤާސިމަށް ދިވެހި ދައުލަތުން އަރުވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި އަދި އެކި ރޮނގުރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދީފަވެއެވެ. އަދި އޭގެ އިތުރުން ބައިނަލް އަޤްވާމީ ޔުނިވަރސިޓީތަކުންނާއި، ޖަމްޢިއްޔާތަކުންވެސް ޝަރަފްވެރި އިނާމްތައް ދީފަވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ޝަރަފްތަކުގެ ތެރޭގައި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން އަރުވާފައިވާ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން އަރުވާ އެންމެމަތީ ޝަރަފް ގެ އިތުރުން ހަމަ އެ ޔުނިވަރސިޓީއިން ދީފަައިވާ އޮނަރަރީ ޕީ.އެޗް.ޑީ ފާހަގަކޮށްލެވެއެވެ..
ޤާސިމް އިބްރާހީމް މިހާތަނަށް ފުރުއްވި ދިވެހި ދައުލަތުގެ މަޤާމުތަކުގެ ތެރޭގައި 7 އޮގަސްޓް 2008 ގައި ވުޖޫދަށްއައި ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯރލްޑްބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ހިމެނެއެވެ. އަދި ސޯޅަ އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާއި އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ބޭފުޅެއްފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓުގައި ސޮއިކުރެއްވި ގަވަރުނަރަކީވެސް ޤާސިމެވެ.
ޤާސިމްގެ ސިޔާސީ މަސައްކަތަށް ބަލާއިރު ޤާސިމް އިބުރާހީމް އިސްލާޙީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެންއައި 1985 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސްކަމަށް ޤާސިމް ވަޑައިގެން އިސްލާޙީ މަސައްކަތުގައި ދެމިހުންނެވިއެވެ.
ޤާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަތެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ދިވެހިން މިދެކޭ ހެއު ބަދަލުތައް ގެނުވި ޤާނޫނުއަސާސީ، ތަފާތު ފިކުރުތަކުގެ ވިސްނުން އެއްގޮތް ކުރުވައިގެން އިޞްލާޙުކޮށް، އެ ބުރަ މަސައްކަތް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވެވި މޭސްތިރިއަކީ ޤާސިމް އިބްރާހީމެވެ. އަދި އެމަނިކުފާނުވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންގެ ކުރިއެރުމާއި، މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޤާސިމް އިބްރާހީމް ގެންދަވަނީ 4 އޯގަސްޓް 2008 ގައި ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ މިއަދާއި ހަމައަށްވެސް ޖުމްހޫރި ޕާޓީގެ ލީޑަރުގެ މަޤާމް ފުރުއްވަމުންނެވެ. އޭގެ ކުރިން، އެމަނިކުފާނު ވަނީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގައި، އުފެއްދެވި ޑީއާރުޕީގެ ނާއިބު ޒަޢީމްގެ މަޤާމްވެސް ފުރުއްވާފައެވެ. ޤާސިމް އިބްރާހީމް ވަނީ 2008، 2013 އަދި 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާފައެވެ.