ރާއްޖެއިން ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ.
އެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.
ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މުހައްމަދު، މއ. އަތަމާވިލާ އެވެ.
އަބްދުލްގަފޫރު މުހައްމަދު ވަނީ ފޮރިން މިނިސްޓްރީގެ ސެކްރެޓެރީގެ މަގާމާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.
މިސްރަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު، މ. ވެސްޓްސައިޑް އެވެ.
ސަރީރު ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރެއްވި އެވެ.