ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް، މިމަހުގެ 20 ވަނަ ދުވަހު މާލެ ސަރަހައްދުގައި ބެހުމަށް ނިންމައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށާއި އެގޮތުން މިއަހަރު ސަރުކާރުން ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ.
ގޭބިސީތަކަށް ބަހަން ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހުންނާނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅު ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށާއި މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ތާރީހުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން އަންގާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ އަތޮޅުތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެ ކުންފުނިން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށާއި ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
އެ މަސައްކަތް އެސްޓީއޯ އިން ކުރިއަށްގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މޭލެ ސިޓީ ކައުންސިލު އަދި ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ސަރަހައްދުތައް:
މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައި
މިފްކޯ އޮފީސް ގްރައުންޑް ފްލޯ
ވިލިމާލެ ސޯޝަލް ސެންޓަރު
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓުގެ ދިހަވަނަ ފުލެޓުގައި ހުންނަ ޔޫތު ސެންޓަރު