މާލޭ މަގުމަތިގައި ގިނަ ދުވަސްވެ، ބާ ވެފައި ހުރި އެއްގަމު އުޅަނދުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ރޯދައަށް މާލެ ސާފުކުރުމުގެ ތެރެއިން ބޭނުންނުކޮށް މަގުމަތީ ބަހައްޓާފަައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ އަދި ވެސް ގުޅުން ހުރި އިދާރާތައް ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގައިފަ އެވެ. އޭރު 100އަށް ވުރެ ގިނަ އުޅަނދު ނަގާފައިވެ އެވެ.
މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.