މާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން ގުޅީފަޅު ގުޅައިލާ ތިލަމާލެ ބްރިޖުގެ މަސައްކަތް މިދިޔަ ހަފްތާ ނިމުމުގެ ކުރިން ކުންފުންޏަކާއި ހަވާލު ކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށް، އެމުއްދަތު ފާއިތުވުމުން މަސައްކަތް ފަށަން ސަރުކާރުން އަނެއްކާވެސް އިތުރު ތާރީހެއް ދީފި އެވެ.
މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ބަޔަކާއި ހަވާލު ކުރާނެ ކަމަށެވެ. މުއްދަތު ފާއިތުވެ ދިޔުމުން ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލު ކުރާނެ ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަން ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން ރައީސް ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދަން ހުޅުވައިލުމުން އެކަމަށް އެދުނު ކުންފުނިތަކުގެ އިވެލުއޭޝަން މަސައްކަތް އޮތީ ނިމުމަހާއި ހަމައަށް ގޮސްފަ އެވެ. މިމަސް ނިމުމުގެ ކުރިން އެކަން ނިންމައި ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
2019 ވަނަ އަހަރުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އެ އަހަރު ނިމުމުގެ ކުރިން ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ދެ އަހަރު ފާއިތުވެ ދިޔައިރު އަދިވެސް ބްރިޖުގެ މަސައްކަތް ހަވާލުވެސް ނުކުރެވެ އެވެ.
އަސްލަމް މީގެ ކުރިން ވިދާޅުވީ 2023 ވަަނަ އަހަރުގެ މެދުތެރޭގައި ބްރިޖު ލޮލަށް ފެންނަވަރު ވާނެ ކަމަށެވެ. ނިމޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަމާލެ ބްރިޖު އަޅަން ހަވާލު ކުރަނީ އިންޑިއާ ކުންފުންޏަކަށެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި 15 މިލިއަން ޑޮލަރު ދީގެން ނެދަލެންޑްސްގެ އެފުގްރޯ ކުންފުނި ލައްވައެވެ. އެ ކުންފުނިން ވަނީ ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފައި ދިރާސާތައް ނިންމާފަ އެވެ.
ތިލަމާލެ ބްރިޖު އަޅަން ބޭނުންވާ ފައިސާގެ ތެރެއިން 400 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނެގީ އިންޑިއާއިންނެވެ. އަދި 100 މިލިއަން ޑޮލަރު އިންޑިއާއިން ފޯރުކޮށްދެނީ ހިލޭ އެހީގެ ގޮތުގަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑު ހުރަސްކޮށް އެޅި ބްރިޖަކުން ދެ ފަސްގަނޑެއް ގުޅައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ހުޅުމާލެއާއި މާލެއާއި ދެމެދު އެޅި އެ ބްރިޖު އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ތެރޭގައި ވަނީ ނިންމައި ހުޅުވައިފަ އެވެ.