އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ އޮމާނުގައި މިހާރު ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވާސާގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ހަލީލު މިއަދު ވަނީ ތަގުރީރު ކުރައްވާފަ އެވެ.
ހަލީލުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް ގޮވާލެއްވި އެވެ.
އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށް ވެސް ގޮވާލެއްވި އެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުންވެސް ޑރ. ޚަލީލް ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.