އދ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރުންނަށް ލިބިފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފި އެވެ.
ޚަލީލް މިހެން ވިދާޅުވީ އަށްވަަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.
ހަލީލުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް ގޮވާލެއްވި އެވެ.
އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށް ވެސް ގޮވާލެއްވި އެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުންވެސް ޑރ. ޚަލީލް ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.
ޚަލީލްއާ އެކު މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ ނޭޕާލްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ މިނިސްޓާ އޮފް އިންޓާނަލް އެފެއާޒް އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލަމްގެ ސެކަންޑް މިނިސްޓާ އޮފް ފޮރިން އެފެއާޒް ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު އަލީ އަލް ޞާޔިގް އެވެ. މި ޕެނަލް މޮޑަރޭޓް ކޮށްދެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރު ސުރޭޝް ޕްރަބޫ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.