ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގައި ހިމެނޭ ބައެއް މަސައްކަތްތައް ފެށުމަށްޓަކައި ރަސްފަންނަށް މާދަމާ އިން ފެށިގެން މޫދަށް އެރުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9 ޖަހާއިރު ފެށޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
"ވީމާ މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.
މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.