އިންޑިއާގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އައު ސަފީރު އައިޝަތު އަޒީމާ، އެކަމަނާގެ މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވުނީ އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގައި މެންދުރުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
ރަސްމިއްޔާތު ނިމުމުން އިންޑިއާގެ ރައީސް ވަނީ ސަފީރު އަޒީމާއަށް މަރުހަބާ ކިޔުއްވައި ހެޔޮއެދުން އަރިސްކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު އަޒީމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުންދާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އަޒީމާ ޝުކުރު އަދާ ކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ކުރިއަރުވަން ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ސަފީރު އަޒީމާ ފާހަގަކުރެއްވިއެވެ.