ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީންނެވެ.
އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލު ކުރި މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުންގެ ތަހުގީގުތަކަށް އިހްސާން އިސްވެ ހުންނަވައިގެން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މީގެ އިތުރުން ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި އެ މީހުންގެ ރުމުމަކާ ނުލައި ޕީއެންސީއަށް ވެއްދި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕީއެންސީއަށް ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގެ ވަސީލަތްތަކާޢި މުވައްޒަފުން ބޭނުންކޮށްގެން އެ އޮފީހުގެ ތެރޭގައި އިހްސާންގެ ބެއްލެވުމުގެ ދަށުންކަން ހާމަވެގެންވެސް ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީގެ ތުހުމަތުތަކަށް އިހްސާން ވަނީ އިންކާރު ކުރައްވާފަ އެވެ.