ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނަކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެންވިދާޅުވީ ގދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން، އެއަތޮޅުގެ ބައެއް ޒުވާން ދަނޑުވެރިންނާއި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
މިނިސްޓަރ ވަނީ މިހާރަކަށް އައިސް ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުން ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ.
ދަނޑުވެރިކަމަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" ޒުވާނުންނަށް އިތުރު އެހީތެރިކަމާއި ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުން ގެންދަން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހިމެނިގެން ދިއުމުން އައު ޚިޔާލުތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.