ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، "މައުމޫން" ލޯންޗްކޮށްފިއެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، މާލޭގެ އާޓް ގެލަރީގައި ރޭ ބޭއްވި ހަފްލާއެއްގައެވެ.
މި ފޮންޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ ޤައުމުގެ ބަސްކަމަށާއި، އަދި ޤައުމު ތަރައްޤީވާނީ ބަސް ތަރައްޤީވެގެންކަންވެސް ކުރީގެ ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މައުރަޒެއް މިއަދު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ މައުރަޒު ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.