ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
އަދި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ސަޢޫދީގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، އެ ޤައުމުގެ ފުރަތަމަ ވެރިކަން އުފެދިގެން އައި ދުވަހެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހަކީ ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.