ފޮރިން ސާވިސް އަކީ ވަކި ދާއިރާއަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ފަށައިފި އެވެ.
މިބިލު ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމްއެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ހުސައިން ވިދާޅުވީ، މި ބިލް ގާނޫނަކަށްވުމުން 90 ދުވަސް ތެރޭ ފޮރިން ސާވިސްގެ ހުރިިހާ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިވާނެ ކަމަށެވެ.
މިބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާފައިވަނީ ބިލަށް ތާއީދުކޮށެވެ. މިބިލް ގާނޫނަކަށް ވުމުން ރާއްޖޭގެ ފޮރިން ސާވިސްއިން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ބިލު ފާސްވެ ގާނޫނަކަށް ވުމުން ކެރިއަރެއްގެ ގޮތުގައި ފޮރިން ސާވިސްގެ ދާއިރާ ހިޔާރު ކުރާ މުވައްޒަފުންނަށް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވަޒީފާގެ ބިރާއި ކުރިމަތިލާން ނުޖެހޭނެ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.
މިބިލްގައި ބޭނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުމެވެ.