އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެމައްސަލަ ބަލަން ނިންމީ އިޔާޒާއި ގުޅިގެން އެކި ފަރާތްތަކުން ޝަކުވާތަކެއް ހުށަހަޅާފައިވާތީ އެވެ. ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގެ އިތުރުންވެސް އެހެން ބައެއް މައްސަލަތައް ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް ޝަކުވާތަކުގެ ތަފްސީލު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އަންހެނުން ހިތާނު ކުރުމަށް ހިތްވަރު ދޭ މައްސަލައިގައި އިޔާޒު މަޖިލީހަށް ހާޒިރު ކުރަންވެސް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހަށް އެމައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.
އެމައްސަލައިގައި މީކާއިލް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު، އިޔާޒު ކުރެއްވި ޓުވީޓްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އިޔާޒު ސިފަކުރައްވާ ގޮތުގައި މީކާއިލްގެ މަގުސަދަކީ އިޔާޒަށް ބިރު ދެއްކުމެވެ. އަދި އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ރައުޔެއް ނެރުއްވީ މީހަކު ކުރި ސުވާލަކާއި ގުޅިގެން ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.
މިވޭތުވެދިޔަ ދުވަސްތަކުގައި އިޔާޒު ވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި ހުއްދަ ކަމެއްކަމުގައި ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ ވާޖިބެއް ނޫނެވެ. ވާޖިބީ ހަމައެކަނި ފިރިހެން ކުދިން ހިތާނު ކުރުމެވެ. މީގެ އިތުރުން އެފްޖީއެމް އާއި އިސްލާމް ދީނުގައި ބަޔާންކުރާ އަންހެނުން ހިތާނު ކުރުމާއި ތަފާތު ކަމަށްވެސް އިޔާޒު ވިދާޅުވެ އެވެ.
އަންހެނުން ހިތާނު ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫންކަމަށް ބަޔާންކޮށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވަނީ ވާހަކަ ދައްކަވައިފަ އެވެ. މައުމޫނުގެ ވާހަކަތަކަށް ރައްދު ދެއްވައި އިޔާޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އިޔާޒަކީ ދީނީ ކަންކަމުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިންގާ ކަންކަމަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާ ބޭފުޅެކެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް އިޔާޒު ތާއީދު ކުރައްވަ އެވެ. އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އިޔާޒު އެއީ ހުއްދަ ކަމެއްކަމަށް އެކި ފަހަރު މަތިން ވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ "ފެމިނިސްޓުން" ފާޑު ކީ ނަމަވެސް ބަސް ވިދާޅުވުން ހުއްޓަވައި ނުލައްވާނެ ކަމަށެވެ.