ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ކުށްވެރިކުރައްވައިފިއެވެ. މިނިސްޓަރ އެކަން ކުށްވެރިކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި، ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައެވެ.
އޯއައިސީން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދާ އެކްސްޓްރާ އޯޑިނަރީ ސެޝަނަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ދެއްވި ތަޤްރީރުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ފާހަގަކުރައްވައި، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
މިނިސްޓަރ ވަނީ އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރައްވާކަންވެސް މި ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ.