ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ދުނބުމާ، އަޙްމަދު ޟަމީރު (37އ) އާއި ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (31އ) އެވެ.
ފުލުހުން ބުނީ މިލަންދޫން ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.