ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ އެގެއަށް ގެއްލުން ދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރި ފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ރޭ އެ ގެއަށް 12:45 ހާއިރު ހަތަރު މީހަކު ވަދެ، އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އެ ހަތަރު މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް/ރީތި ހިޔާ، މުޙައްމަދު އަފްލާޙް (23 އ) އާއި ނ. ވެލިދޫ/އެލަސް، އިބްރާހީމް އަޙްނަފް (21އ) އާއި ނ. މަނަދޫ/ހަވޭލި، މުޙާއްމަދު އަޛާން (23 އ) އަދި ތ. ގުރައިދޫ/ފަޒާ، ޢަލީ ނަވާފު (21 އ) އެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.