މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 20،500ރ. އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. އާއެކު ޖުމުލަ 35،500ރ. ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
ސީއެސްސީން ބުނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމަށް ވާތީ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނެ ކަމަށެވެ.
މި މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
ސީއެސްސީން ބުނީ މި މަޤާމަށް ޢައްޔަނުކުރާ ފަރާތަކީ އިދާރާގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށްވާތީ، "ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެވޭ އިމްތިހާނުތައް"، މި މަޤާމަށް މުވައްޒަފު ޢައްޔަނުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 2025 އެޕްރީލް 06 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ.
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 06 އެޕްރީލް 2025 އިން 07 މޭ 2025 އާ ދެމެދު ކަމަށާއި، އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި ކަމަށް ސީއެސްސީން ބުނެއެވެ. އަދި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށް ކަމަށްވުމާއެކު، އެ މުއްދަތުގައި އިމްތިހާނު އަދި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ސީއެސްސީން ވަނީ އަންގައިފައެވެ.
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2025 އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެއެވެ.