ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިމިގްރޭޝަންގައި މަސައްކަތްކުރައްވާ އެންމެހައި ޚިދުމަތްތެރީންނަށް މަރުޙަބާއާއި ޝުކުރު ދަންނަވައިފިއެވެ.
ރައީސް މިފަދައިން ޝުކުރު ދެންނެވީ އިމިގްރޭޝަނަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، މި ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފެށިގެން އައީ 1950 ގައެވެ. ދަތުރުކުރުމަށް އެންމެ ފުރަތަމަ ދިވެއްސަކަށް ދޫކުރި ޑޮކިއުމަންޓް ކަމަށްވާ "މޯލްޑިވިއަން ޕާސް" އަކީ ރާއްޖެއާއި ސިލޯނާ ދެމެދު ދަތުރުކުރުމަށް 1950 ގައި ދޫކުރެވުނު ލިޔުމެކެވެ.
އެއަށްފަހު ދިވެއްސަކަށް އެންމެ ފުރަތަމަ ޕާސްޕޯޓެއް ދޫކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުންނެވެ. އަދި ރާއްޖޭގެ ސަރުކާރަކުން ދިވެހި ޕާސްޕޯޓެއް އެންމެ ފުރަތަމަ ދޫކޮށްފައިވަނީ 30 އޭޕްރިލް 1964 ގައެވެ.