ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިތުުރު އަށް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު ސޮއިކޮށްފައިވަނީ، މި މާރިޗު މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ހަ ރަށުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އިތުުރު އެއް ރަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ.
މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙެވެ.
ފުލުހުން ބުނީ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއެކު މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤީކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.