އަނެއްކާވެސް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާރިޗު 21 ވަނަ ދުވަހުގެ 15:55 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިއުޓީ ފްރީން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ނ. ވެލިދޫ، ގަސްކަރަ، މުޙައްމަދު އައިހަމް (23 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އައިހަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މާރިޗު 25 ވަނަ ދުވަހުގެ ހެނދުނު 06:20 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗަރ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް ފެންމަތިވެ، ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެ މައްސަލައިގައި ހައްޔަރުކުރި މ. ސިލްވަރނެސްޓް / މާލެ، އަޙްމަދު އަފްސަލް (45 އ) އާއި ދަފުތަރު ނަންބަރު އާރްއެސް 14358 / މާލެ، ޔޫސުފް ނަޒީރު (38 އ) ޝަރުތުތަކަކާއެކު ދޫކޮށްލައިފައެވެ.
އަދި އެ މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު، މާރިޗު 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.