ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފާހަގަކޮށް، އެފަރާތްތަކަށް ސަނަދު ދެއްވައިފިއެވެ. މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދަސްވެނިވި 24 ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ބޭއްވުނު ޝަރަފްވެރި ޖަލްސާއެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށެވެ. މިހާރު ޙާފިޡުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ ޙާފިޡުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައެވެ. އަދި ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ހަމައެހެންމެ، ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ރަސްމިއްޔާތުގައި ޙާފިޡުން ދަސްވެނިވީ ޚާއްސަކޮށް ފަރުމާކުރެވިފައިވާ ގައުނެއްގައެވެ. މި ގައުނާއި ތާކިހާ ތައްޔާރުކޮށްފައިވަނީ ދިވެހިންގެ ދީނީ ޢަޤީދާއާއި، ދިވެހީންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި، ޤުރްއާންގެ ޢިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރުމިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަޞްލަކަށް ބަލައިގެންނެވެ.