އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީ ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅުއްވާނޭ ފިޔަވަޅުތަކާމެދު ޢާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނޭކަމަށެވެ. އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނޭ ކަމަށާއި، އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް މި ފަދަ ތަކެތި އިމްޕޯޓްކުރާ އެންމެ ބޮޑު ސަރުކާރުގެ ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ފަދަ ފިޔަވަޅުތައް މެދުވެރިކޮށްވެސް، މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.