ބަރަކާތްތެރި ފިޠުރު ޢީދުގައި ރަށްތައް ދިއްލުމަށްޓަކާ، މިދިޔަ އަހަރު ބޮކިތަކުން ދިއްލާލެވުނު ރަށްތަކުގެ އިތުރުން އިތުރު 36 ރަށަކަށް މި ޢީދާ ދިމާކޮށް ބޮކިތައް ފޮނުވުމުގެ މަސައްކަތް ފުރިހަމަ ކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، ޢީދު ދިއްލާލުމަށް ބޭނުންވާ ބޮކިތައް މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފޮނުވާ ނިމިފައިވާ ކަމަށެވެ. އަދި ގިޑިގެ ފޮނުވަންޖެހޭ 86 ރަށަކަށް ގިޑިގެ ފޮނުވުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން މިހާރު މާލޭގެ އެކި ސަރަޙައްދުތައް ދިއްލާލުމަށްޓަކައި ޓެސްޓުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ހޮނިހިރު ދުވަހުގެ ނިޔަލަށް ހުރިހާ ސަރަޙައްދެއްވެސް ނިންމާލެވޭނެކަމަށް މިބަލަނީ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައިވެސް ޢީދަށް ތައްޔާރުވުމުގެ ގޮތުން ބޮކިތައް ހަރުކޮށް ފޯރިއާއެކު ތައްޔާރުވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ޢީދު ދުވަހާ ގުޅިގެން މާލެ ދިއްލާލުމުގެ އިތުރުން، ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމުގެ ހަރަކާތްތަކާއި ފިއުޝަން ޝޯވއެއް ހިމެނެއެވެ.
މީގެއިތުރުން، އެމްއެންޑީއެފްގެ އެކި ވިންގތަކުގެ ހަރަކާތްތަކާއި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އެކި ހަރަކާތްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޢީދު ކުޅިވަރުތައް ސަލްޓަން ޕާކު ސަރަޙައްދާއި، ޝަހީދުންގެ ބިނާ ކުރިމަތީގައާއި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.