ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ.
ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އޭރު ޖެހީ 15 ދުވަހެވެ.
ޝަމްއާން ހައްޔަރުކުރި މައްސަލަ ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ނިންމައި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
ޝަމްއާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.