އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 10/2025 ވަނަ ޤަރާރުންނެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 28 ރަށެއް ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސް ވަނީ ހަމަޖައްސާފައެވެ.
ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް އެއީ އެ ރަށްރަށުގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތަނެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ރަށްރަށް ހިމަނާފައިވެއެވެ.