ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޝަހީދު، މި މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޝަހީދު، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޝަހީދު ވަނީ، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އަދި ހުވައިގެ އިޤްރާރުގައި ޝަހީދު ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޝަހީދާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝަހީދު ވަނީ، މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.