މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:45 އިން މެންދުރު ފަހު 15:30 އަށެވެ.
މެޓުން ބުނީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން މީގެ ކުރިން ވަނީ މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. މިއަދުން ފެށިގެން މިހާރަށްވުރެ ވައި ވެސް ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރިއެވެ.
މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ "ޓްރަފް"އަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށެވެ.