ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގެ ތެރެއިން ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އެކި ބޭފުޅުންނާއެކު މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ފުރަތަމަ ބައްދަލުކުރެއްވީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރޭޑް، ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިއާއި އިގުތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދެވުނެވެ.
އަދި ހަމައެހެންމެ، މިނިސްޓަރ ޑރ. ހަލީލް ވަނީ ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޯއީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތް ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ފުރުޞަތުތައް ހޯދުމާއި، މި ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ތުރުކީވިލާތުގެ އިސް ވެރިންގެ އިތުރުން، ފޮރިން މިނިސްޓަރ ޑރ. ހަލީލް ވަނީ ހަންގޭރީގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓަރު ޕީޓަރ ސިއާރޓޯއާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ހަންގޭރީ ދެމެދު މިހާތަނަށް ޤާއިމްކުރެވިފައިވާ ގާތް ގުޅުމަށް އަލިއަޅުވައިލައްވައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާތައް ކުރެވުނެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓަރ ޑރ. ހަލީލް ވަނީ ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަނާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އަންތާލިޔާ ޑިޕްލޮމެސީ ފޯރަމް ފެށިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ފޯރަމް ނިމުމަކަށް އަންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.