ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިިނިސްޓަރ ވިދާޅުވީ މިއަހަރު އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ ޕީއެޗްޑީގެ ގިނަ ފުރުޞަތު ހުޅުވައިލެވޭނެ ކަމަށެވެ. މީގެ އިތުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް ޒަކާތުފަންޑުން ދިނުމަށް އިއުލާން ކުރެވޭނެކަމަށެވެ.
އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މިޤައުމުގައި ނެތް މުހިންމު ބައެއް ބާއިރާތަކަށް ވެސް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
''ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެކެވެ'' ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޕޯސްޓްގައި ލިޔެފައިވެއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަންކަމަކީ، ދިވެހިރާއްޖޭގެ އިއްޒަތްތެެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެވެ. މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ. މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. 2025 ގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަންވަނީ ލިބިފައެވެ. އަދި މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބުނު އަހަރެވެ. އަދި ހަމަ ހަމަ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުގައެވެ.