ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަން ރަައީސް ހާމަކުރައްވަައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކުރައްވައި ރައީސް ޝާއިއުކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުގައި ދިވެހިންގެ މެދުގައި ގަައިންގައަށް ނާރާ ބަލިތައް ފެތުރުމަށާއި ނުކުޅެދުންތެރިކަމަށް ހުށަަހެޅުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަަށެވެ.
އޭގެ އިތުރަށް ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުގައިކަން ފާހަގަކުރައްވަމުން އެއީ ވަރަށް ބޮޑު އިންސައްތައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
2021 ވަނަ އަހަރު ހެދި ގައިންގައަށް ނާރާ ބަލިތައްޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ސާވޭއާ ހަވާލާދެއްވައި ރައީސް ވިދާޅުވީ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ޒުވާނުން ކަމަށެވެ.
ގްލޯބަލް ޔޫތު ޓޮބެކޭ ސާވޭ ދައްކާ ސްކޫލު އުމުރުފުރާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ ކޮންމެވެސް ގޮތަކުން ނިކޮޓިން ނުވަތަ ދުންފަތުގެ ބާވަތެއް ބޭނުންކުރާ މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.